މެރަނާ ސްކީމް

ސްކީމްގެ ތަޢާރަފް

މެރަނާ ސްކީމް އަކީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން އެހީތެރިކަން ލިބޭނީ މަދުވެގެން 6 މަސްދުވަހުގެ މުއްދަތަށް ސައްހަ ވިސާއެއް އޮންނަ ފަރާތްތަކަށެވެ.

 

ލިބޭ މައިގަނޑު ފައިދާތައް

  • އަހަރަކު: ބައިވެރިވާ ކޮންމެ މީހަކަށް އަހަރަކު -/150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ.
  • އައުޓްޕޭޝަންޓް: އަހަރަކު -/10,000 (ދިހަ ހާސް) ރުފިޔާ (މިއީ ޖުމްލަ ލިމިޓްގެ ތެރެއިން ހިމެނޭ އަދަދެކެވެ).
  • އިންޕޭޝަންޓް: އަހަރަކު -/150,000 ރުފިޔާއާ ހަމައަށް (މީގެ ތެރޭގައި އައުޓްޕޭޝަންޓް ޚިދުމަތްތައް ވެސް ހިމެނޭނެއެވެ).
  • އިންޝުއަރެންސްގެ ދަށުން ކަވަރު ނުކުރާ ތަކެތި އުނިކުރުމަށްފަހު، ބާކީ އޮންނަ ޖުމްލަ އަދަދުގެ %65 މެރަނާ ސްކީމުން ހަމަޖައްސައިދޭނެއެވެ.
  • އިންޑިއާ އަދި ސްރީލަންކާގައި އާސަންދައިގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުން، ފައިސާ ދައްކަން ނުޖެހޭ ގޮތަށް (ކޭޝްލެސްކޮށް) ފަރުވާ ހޯދޭނެއެވެ.
  • މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ސްރީލަންކާގައި ހޯދާ ޚިދުމަތްތަކަށް، ފައިސާ އަނބުރާ ހޯދުމުގެ (ރީއިމްބާސްމަންޓް) އުސޫލުން ފުރުސަތު އޮންނާނެއެވެ.

 

ޝަރުޠުތައް

  • އިންޑިއާ، ސްރީލަންކާ، މެލޭޝިއާ ނުވަތަ ފިލިޕީންސްގައި ދިރިއުޅޭ ދިވެއްސަކަށްވުން.
  • ބިޒްނަސް އަދި މެޑިކަލް ވިސާ ފިޔަވައި، މަދުވެގެން 6 މަސްދުވަހުގެ މުއްދަތު އޮތް ޞައްޙަ ވިސާއެއް އޮތުން
  • ޚިދުމަތް ހޯދި މުއްދަތުގައި، މަދުވެގެން 6 (ހަ) މަސްދުވަހުގެ މުއްދަތު އޮތް ސައްހަ ވިސާއެއް ޚިދުމަތް ލިބިގަންނަ ފަރާތުން ހުށަހަޅާފައި (އަޕްލޯޑްކޮށްފައި) ނުވާނަމަ، މިއީ ސައްހަ އެއްޗެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.
  • ޙިދުމަތް ހޯދުމުގެ ކުރިން މެރަނާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްފައިވުން.

 

ރަޖިސްޓްރީވާނެ ގޮތް

  1. މެރަނާ ޕޯޓަލް meranaa.aasandha.mv އަށް ވަދެވަޑައިގަންނަވާށެވެ.
  2. ރަޖިސްޓްރޭޝަން ފޯމުގައިވާ މަޢުލޫމާތުތައް ފުރިހަމަކުރައްވާށެވެ.
  3. ބޭނުންވާ ތިރީގައިވާ ލިޔުންތައް އަޕްލޯޑް ކުރައްވާށެވެ:
    • މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.
    • މުއްދަތު ހަމަނުވާ ވިސާ (މަދުވެގެން 6 މަސްދުވަހުގެ މުއްދަތު އޮންނަންވާނެއެވެ).
  4. ފޯމު ހުށަހެޅުމަށްފަހު، އެ ގައުމެއްގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށް ރަޖިސްޓްރޭޝަން ކަށަވަރުކުރައްވާށެވެ.
  5. އާސަންދަ ކުންފުނިން ރަޖިސްޓްރޭޝަން ފާސްކުރުމުން (އެޕްރޫވް ކުރުމުން)، މެރަނާ ސްކީމްގެ ދަށުން ޚިދުމަތްތައް ލިބިގަނެވޭނެއެވެ.

 

ކޭޝްލެސް ޚިދުމަތް ހޯދުން (އިންޑިއާ އަދި ސްރީލަންކާ)

  • އާސަންދަ އެމްޕެނަލްކޮށްފައިވާ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާއިރު، ސްކީމްގެ އުޞޫލުތަކާއި ލިމިޓްތަކާ އެއްގޮތަށް އަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް ޚިދުމަތް ލިބޭނެއެވެ.
  • ހޮސްޕިޓަލުގައި އެޑްމިޓްވުމުގެ ކުރިން، އެއީ އާސަންދަ ގަބޫލުކުރާ ތަނެއްކަން ކަށަވަރުކޮށް، ޕްރީ-އޮތޮރައިޒޭޝަން ހޯދުމުގެ ކަންކަން ފުރިހަމަކުރައްވާށެވެ.

 

ފައިސާ އަނބުރާ ހޯދުން (މެލޭޝިއާ,ފިލިޕީންސް އަދި ކޭޝްލެސް ނޫން ހާލަތްތަކުގައި)

  • ފަރުވާއަށްފަހު، ރީއެމްބާސްމަންޓް ފޯމު ފުރިހަމަކުރައްވާށެވެ (ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެ)
  • އަސްލު ބިލްތަކާއި، ރިސިޓްތައް އަދި މެޑިކަލް ރިޕޯޓްތައް ތިރީގައިވާ ގޮތަށް ހުށަހެޅިދާނެ:
    • އޮންލައިންކޮށް: meranaa.aasandha.mv
    • އީމެއިލް: [email protected]
    • އަތުން ހަވާލުކުރުން: އާސަންދަ ކަސްޓަމާ ސާވިސް ފްރަންޓް އޮފީސް، 3 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، މާލެ.
  • ސުންގަޑި: ފަރުވާ ހޯދާތާ 60 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
  • ލިޔެކިޔުންތައް ލިބޭތާ 20 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

 

ފޯމުތަކާއި އެހީތެރިކަން

  • ރީއެމްބާސްމަންޓް ފޯމް: ޑައުންލޯޑް 
  • އިތުރު މަޢުލޫމާތު ނުވަތަ އެހީތެރިކަން ބޭނުންފުޅުވާނަމަ:
    • ކޯލް ސެންޓަރު: 1400
    • އީމެއިލް: [email protected]
    • ވަޓްސްއަޕް ޗެޓް: 920100 960+